މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށޭވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ލިޔުމުން ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެންބަރު ސަލީމު މިނިސްޓަރާ ސުވާލު ކުރައްވާފައި ވަނީ، އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ގާއިމް ކުރެވެންދެން އެ ސަރަހައްދުން ދަތުރު ކުރާ އާގުބޯޓު ފަހަރަށް ދެވެން ހުރި ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، ހއ.ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ފާހަގަ ކޮށްފައިވާ ކަންކަން އިކޮނިކު މިނިސްޓްރީން އިސްނަގައިގެން ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިްޔާ ހަވާލު ކުރައްވާފައިވާ މަސައްކަތްތައް ގޮސްފައިވާ ހިސާބު އޮޅުނުް ފިލުއްވުމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި، މިނިސްޓްރީގެ އިސް ނެގުމަށް ކަމާބެހޭ އިދާރާތައް ހިމެނޭގޮތަށް ވޯކިން ގްރޫޕެއް އެކުލަވާލައި، މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވޯކިން ގްރޫޕުގައި ކުރެވުނު މަޝްވަރާތަކަށްފަހު އިހަވަންދިއްޕޮޅުގައި އެއްމެ އަވަހަށް ފެށޭނެ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންގެ ހިދުމަތާއި ޝިޕްސްޓޯ އާއި ސަޕްލައި ފޯރުކޮށްދިނުން ހިމެނޭ ކަމަށާއި، އެކަމަށް ބޭނުންވާ އިމާރާތާއި ވަސީލަތްތައް ގާއިމްކޮށް ވާންޖެހޭ އެހނެިހެން ތައްޔާރީތައް ވުމުގެ މަސައްކަތް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީ އާއި، ކަމާގުޅޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިހަވަންދިއްޕޮޅުގައި ބައިނަލް އަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި އުޅަނދުފަހަރާއި އިކުއިޕްމެންޓް ހޯދުމާއި ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސއްކަތްތައްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.