ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ މުހައްމަދު ހަބީބު އެ މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 94،000 ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
އެންޑީއޭގެ ސީއީއޯގެ މަގާމުން ހަބީބް ވަކިކުރީ ޕްރޮބޭޝަންގެ މުއްދަތު ހަމަވުމާ ގުޅިގެން ކަމަށް ބުނެ މިދިޔަ އަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހަބީބް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ވަޒީފާ އިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އަދި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައި ވާތީ ވަޒީފާގައި ދެމިހުރެވުނު ނަމަ އެއްބަސްވުމުގެ މުއްދަތަށް ލިބޭނެ މުސާރަ އާއި އިނާޔަތްތަކާ އެއްވަރުގެ ބަދަލެއް ނަގައި ދިނުމަށެވެ.
އެ މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނެފައިވަނީ ހަބީބް ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ނުވާ ކަމަށް ބުރަވެވޭ ކަމަށެވެ. އަދި ޙަބީބް ވަޒީފާ އިން ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް އަދި ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލްއެއް ކަމުގައި ކަނޑައަޅާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ވަޒީފާ އިން ވަކިކުރެވުނުއިރު އުޖޫރައިގެ ގޮތުގައި މަހެއްގެ މައްޗަށް ހަބީބަށް 31،500ރ. ލިބެ އެވެ. ޓްރައިބިއުނަލްގައި ހަބީބް އެދިފައިވަނީ އޭރު ލިބެމުންދިޔަ އުޖޫރައިގެ ނިސްބަތުން ހަ މަސް ދުވަހަށްވާ 189،000ރ. ނަގައިދިނުމަށެވެ.
ނަމަވެސް ޓްރައިބިއުނަލްގެ ހުކުމްގައި ވަނީ ވަޒީފާ އިން ވަކިކުރި ފަހުން ހަބީބް ވަޒީފާއަބެހޭ ޓްރައިބިއުނަލްގެ ޑިރެކްޓަރުގެ މަގާމު އަދާކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. އެ ވަޒީފާއިން އޭނާއަށް މަހަކު 17،225ރ. ލިބެމުންދިޔަ އެވެ. އަދި އެންޑީއޭގެ ވަޒީފާއިން ވަކިކުރިއިރު ހަބީބަށް ވަނީ ނޯޓިސް ފައިސާގެ ގޮތުގައި 63،000ރ. ވެސް ދީފަ އެވެ.
ޓްރަބިއުނަލުން ވަނީ ބަދަލުގައި ހަބީބް ނަގައިދިނުމަށް އެދުނު އަދަދުން އޭނާ އެންޑީއޭގައި އަދާކުރަމުންދިޔަ ޑިރެކްޓަރު މަގާމުގައި ހުރެ ލިބުނު މުސާރައިގެ ނިސްބަތުން ބާކީ އޮތް ދެ މަހާއި 25 ދުވަހަށްވާ 31،579ރ. އާއި ނޯޓިސް ފައިސާގެ ގޮތުގައި ލިބުނު 63،000ރ. އުނިކުރަން ނިންމާފަ އެވެ.
އެގޮތުން އެ ފައިސާތައް އުނިކުރުމަށްފަހު ބަދަލުގެ ގޮތުގައި ހަބީބަށް ދިނުމަށް އަމުރުކުރީ 94،420.84ރ. އެވެ. މި ފައިސާ 30 ދުވަހުގެތެރޭ އެކީ އެއްފަހަރާ ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.