މި ޒަމާނުގައި ގިނަ ކުޑަ ކުދިން އަކީ އަބަދުވެސް ކޮންމެވެސް ސްކްރީންއަކަށް ބަލަން ގެއްލިފައި ތިބޭ ކުދިންއެވެ. އެގޮތުން ކޮންމެ ކުއްޖެއް ވެސް 2 އަހަރުވާއިރު އެކުއްޖާގެ އަމިއްލަ ޓެބްލެޓްއެއް ދީފައި އޮންނަ ކަމަކީ ކަންބޮޑުވާ ޖެހޭ ކަމެކެވެ.
މައިންބަފައިން މިކަން މިގޮތަށް ކުރަމުން ދަނީ އުޅެން ޖެހިފައިވާ ބިޒީ ސެޑިއުލްގެ ސަބަބުން އެކުދިންއަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވޭތީއެވެ. ނަމަވެސް ހިތާމައަކީ މި ކަމުގެ ސަބަބުން އެކުދިންއަށް ތަފާތު އެކި ކަހަލަ މައްސަލަތަކާއި ކުރިމަތިވެއެވެ.
ކަންބޮޑުވާން ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ލޮލުގެ މައްސަލައެވެ. އެގޮތުން ސްކްރީންއަށް ބަލައި މިންވަރު ގިނަވާ ނަމަ ލޮލުގެ ފެނުން ދައްވާގޮތްވެއެވެ. އެހެންވުމުން ކުރިމަތިން ފެންނަން ހުންނަ އެއްޗަކަށް ދުރުން ބަލާއިރު ރަނގަޅަކަށް ފޯކަސްއެއް ނުކުރެވެ އެވެ.
މީގެ އިތުރުން ސްކްރީން ބެލުމަށް ހުންނަ އެއް ތަނެއްގައި އިށީނދެ ނުވަތަ އޮށޯވެ މާގިނައިރު ހޭދަވުމުން ކުއްޖާ ކަންނެތް ވާގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ޅަފަތުގައި ކުދިންގެ ސިކުނޑި ތަރައްގީވާންވީ މިންވަރާ ގާތަށް ވެސް ތަރައްގީނުވެ އެ މަރުހަލާ ލަސްވެ، ނިދުން އުނދަގޫވުން އަދި ކިޔަވާ ދަސްކުރުން ފަދަ ސަމާލުކަން ދޭން އެންމެ މުހިއްމުވާ ކަންތައްތަކަށް ސަމާލުކަން ނުދެވުމާއި އަވަހަށް ރުޅިއައުން ފަދަ ކަންތައް ކުދިންނަށް ދިމާވެ އެވެ.
ކުދިން ސްކްރީންއަށް ބަލައި މިންވަރު ކުޑަ ކުރުމަށް އެކުދިން އަށް އެހެން މަސައްކަތެއް ކުރަން ދެވިދާނެއެވެ. އެގޮތުން ފޮތަކާއި ކުލަ ފަންސޫރު ނުވަތަ ފެންކުލަ ކަހަލަ އެއްޗެހި ވެސް ބޭނުން ކުރަން ދެވިދާނެއެވެ. ކުލަ ޖެއްސުން ފަދަ ކަންތަކަކީ ވެސް ކުޑަ ކުދީން ގަޔާވާ ކަމެކެވެ.
އަދި ސްކްރީން ބޭނުން ކުރެވޭނެ ވަކި ގަޑިތަކާއި ހާލަތްތައް ކަނޑަ އެޅިދާނެއެވެ. އެގޮތުން ސްކޫލުގެ ފިލާވަޅުތައް ނިމި ދުވާލަކު 1 ގަޑި އިރު ސްކްރީން ބޭނުން ކުރުމަށް ދެވިދާނެއެވެ.
މީގެ އިތުރުން ކުއްޖާ ގޮވާއިން ބޭރަށް ނުކުމެލާ ކުދިން އެކު ކުޅެން އުޅުމުން ވެސް ކުއްޖާ އަށް ސްކްރީން ބެލޭ މިންވަރު ކުޑަ ވުމުގެ އިތުރުން އެކި ކުދިންގެ މިޒާޖާއި އެހެން ކުދިންނާއި ގުޅިގެން މަސައްކަތް ކުރަން ދަސްވެއެވެ.