ހުޅުމާލޭގެ ކަނބަލުންނަށް ޚާއްޞަކޮށްގެން މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމު ކުރި ފަހާކޯސް ފަށައިފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ކޯސް އިފުތިތާޙު ކޮށްދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ.
މިއީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގައި ހުޅުމާލެ ދާއިރާ ތަމްސީލުކުރައްވާ މެންބަރު ސަމިއްޔާ އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުގެ އިސްނެންގެވުމަކަށް ހިންގާ ކޯހެކެވެ.
ހުޅުމާލޭގެ ކަނބަލުންނަށް ޚާއްޞަކޮށްގެން މިފަދަ ކޯހެއް ހިންގަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ސިޓީ ކައުންސިލުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މިގޮތުން މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގެ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.
މި ކޯހުގައި ފެހުމުގެ އަސާސީ ހުރިހާ ބައެއް ބައިވެރިންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަމިއްލައަށް ކަނޑައިގެން ހެދުން ފެހޭވަރަށް ފެހުމުގެ ކަންކަން ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
ފަހާކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ސަމިއްޔާ ވަނީ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރާއި އެހެންވެސް ކައުންސިލަރުންގެ ފަރާތުން މިކަމަށް ލިބުނު އެއްބާރުލުން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.