ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ހައުސިން ޕްރޮޖެކްޓަކީ މި ސަރުކާރުގެ ކާމިޔާބީއެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ސީމެކް ކުންފުނީގެ އެހީގައި ތަރައްގީ ކުރި ވިނަރެސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިންމައި ރަސްމީކޮށް މިއަދު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. އެގޮތުން މިކަމުގެ ރަމްޒީ ތަޅުދަނޑިއާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި މަޝްރޫއުގައި 2009 ވަނަ އަހަރު ސޮއިކުރީ ވެސް އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ކަމަށާއި މިި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ހުޅުމާލޭގައި ހިންގިއިރު ދެވަނަ ފިޔަވަހީގައި ހުޅުމާލޭގައި 796 ޔުނިޓް އަދި ރާއްޖޭގެ ދެކުނުގެ ހަތަރު ރަށެއްގައި 704 ހައުސިން ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ކަމަށެވެ.
ވިނަރެސްއަކީ މިމަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ކަމަށާއި އެކަމުގެ އެއްބަސްވުމުގައި ކުރީގެ ސަރުކާރުން ސޮއިކުރި ނަމަވެސް މި ހައުސިން ޕްރޮޖެކްޓު އުފަންވެގެން އައީ އެމްޑީޕީގެ ވެރިކަމެއްގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ވިނަރެސް ޕްރޮޖެކްޓުގެ މަސައްކަތް ކިރިޔާ ފެށުނީ ކަމަށާއި ގިނަ އިމާރާތްތަކުގެ ފައުންޑޭޝަން މަސައްކަތް ވެސް ހުރީ ނުފެށި ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅުކޮށް މަސައްކަތް ކޮށްފައިވާ މަޝްރޫއު ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.
”އަޅުގަނޑަށް ހައްގު އަދި އަޅުގަނޑު ދައުވާކުރަން މިއީ ވެސް ހަމަ އަޅުގަނޑުމެންގެ މިސަރުކާރުގެ މި ދައުރުގެ ތެރޭގައި ކުރި މަސައްކަތުން ހޯދުނު ކާމިޔާބީއެެއް ގޮތުގައި.“ އަސްލަމް ވިދާޅުވި އެވެ.