ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީއާއި ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން ނިންމާފައިވާ ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ، އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް މާދަމާ ހެނދުނު 6:30 ގައި ބާއްވާ ޔޯގާ ހަރަކާތަށް ރަސްފަންނު ދޫކޮށްދިނުމަށް ޔޫތު މިނިސްޓްރީން އެދިފައިވީ ނަމަވެސް އެތަން ދޫނުކުރަން ނިންމާފައިވަނީ އެގޮތަށް ކައުންސިލުގައި އާންމުންގެ ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް ރަސްފަންނު ދޫނުކުރަން ނިންމިއިރު، ޔޯގާ ހެދުމަކީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމެކެވެ. ކަންބޮޑުވުން ފާޅުކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޔޯގާ ހެދުމަކީ އިރަށް އަޅުކަން ކުރުމުގައި ހިމެނޭ ކަމެކެވެ.