އަމިއްލަ އާމްދަނީން ސްޓެލްކޯ އިން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގު ސަބްސިޑައިޒް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް ވިދާޅުވީ ސަރުކާރުން އެކުންފުންޏަށް ސަބްސިޑީޒް ދޭނެ ކަމަށް ބަރޯސާވެގެން ތިބޭ ތިބުން ހުއްޓާލުމަށް ނިއްމާފައިވާ ކަމަށެެވެ. އަދި އެކުންފުނިން ދޭ ޚިދުމަތްތަކުގެ އަގު ކުޑަކުރާނީ އަމިއްލަ ބާރުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ސްޓެލްކޯއަށް ހޯދަން މަޖުބޫރު ވެެއްޖެ ކަމަށާއި އެކުންފުނީގެ މިސްރާބު ބަދަލު ކުރަންޖެހޭ ކަމަށެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި ހުރިހާ ސަރަހައްދެެއްގައި ވެސް ކަރަންޓު އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންނުކުރާ ކަރަންޓަކަށް ބިލްކޮށްފައިނުވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެކުންފުންޏަށް ރައްޔިތުންގެ އިތުބާރު ހޯދޭނެ ގޮތަކީ ކަރަންޓް ބިލް ބޮޑުވަނީ ކޮން ގޮތަކަށް ކަރަންޓް ބޭނުންކޮށްގެންތޯ ރައްޔިތުންނަށް ފަސޭހައިން ދޭހަވާނެ ގޮތަކަށް އޮޅުންފިލުވައިދީގެން ކަމަށެވެ.
ކުރިމަގުގައި ކަރަންޓް އިގްތިސާދު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މުވައްޒަފުން ހޭލުންތެރިކުރާނެ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް މުވައްޒަފުން ޕްރޮގުރާމްތައް ހިންގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.