ހުޅުމާލޭގައި ހުންނަނަ އެންމެ ބޮޑު މިސްކިތުގައި ނޮވިލޮން އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭ ކައުންސިލަރު އިބްރާހީމް ޝުޖާއު (ޝުޖާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލޭ އެންމެ ބޮޑު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތްކުރީ އެ މިސްކިތަށް ދާ މީހުންނާއި އެ އަވަށުގެ ރައްޔިތުން އެދުނު ގޮތަށް ކަމަށެވެ.
އެގޮތުން މާލެ ސިޓީން މިހާރުވަނީ މިސްކިތުގައި ނިވޯލިން އަޅައި ނިންމާފައި ކަމަށާއި، އެ މަސައްކަތް ނިންމުމަކީ އެ އަވަށުގެ ރައްޔިތުން އަދި ޚާއްޞަކޮށް މިސްކިތަށް ދާ މިސްކިތުގެ އަހުލުވެރިންނަށް އުފާވެރިކަން ލިބުނު ކަމެއް ކަމުގައިވެސް ޝުޖާ ފާހަގަކުރެއްވިއެވެ،
އަދި ޝުޖާ ފާހަގަކުރެއްވި ގޮތުގައި މި މަރާމާތަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އެ މިސްކިތް ބިނާކުރެވުނު ފަހުން، އެ މިސްކިތުގައި ފުރިހަމަކުރެވުނު އެންމެ ބޮޑު މަރާމާތެވެ.
މާލެ ސިޓީ ކައުންސިލުން ރާވާފައި އޮތީ މާލެ ސިޓީގެ ހުރިހާ މިސްކިތްތަކެއް މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގުމަށް ކަމުގައިވީ ނަމަވެސް އެ މަސައްކަތަށް ބޭނުންވާ މިންވަރުގެ ބަޖެޓެއް ނުލިބުމުގެ ސަބަބުން އެ މަސައްކަތް އޮތީ މަޑުޖެހިފައެވެ.
ސިޓީ ކައުންސިލުންވަނީ މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ ނެތުމުގެ ސަބަބުން އެކަމަށް ޚާއްޞަ ފަންޑެއް ހުޅުވަންވެސް މަސައްކަތްކުރިއެވެ.