ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.
އެގޮތުން ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ އަހަރީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ.
ސްޓެލްކޯއިން މައުލޫމާތުދޭ ގޮތުގައި މިކޭކް ފަޅުއްވައިދެއްވީ ކުންފުނީގެ ބޯޑުގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ، މުހައްމަދު ލަތީފާއި، ޑރ. އަލީ އަޒުވަރެވެ.
އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޗެއާޕާން އިބްރާހިމް ދީދީ ވިދާޅުވީ، ސަރުކާރުން ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ. އަދި ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއްގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރަން އޮތް ކުންފުންޏަކަށް ވާންޖެހޭނެ ކަމަށްވެސް ދީދީ ވިދާޅުވިއެވެ. ދީދީ ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރިވެ، ތެދުވެރިވެ ހިތްވަރު ކުރުމަށް ސްޓެލްކޯގެ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.
ސްޓެލްކޯއިން ވަނީ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުންފުނީގެ ހެޑް އޮފީހާއި ހުރިހާ އިންޖީނުގެއެއް ކުލަބޮކިން ދިއްލާ ޒީނަތްތެރި ކޮށްފައެވެ.