ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ތެދުވެރި އަދި އިހުލާސްތެރި ބަޔަކަށް ވުމަށް އެ ކުންފުނީގެ އާ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް ދީދީ ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.
ދީދީ އެ ނަސޭހަތް ދެއްވީ ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އޮފީހުގައި މިއަދު ބޭއްވި ކޭކު ފެޅުމުގެ ހަފުލާގައި ވާހަކަދައްކަވަމުންނެވެ. މިއީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަންކުރި ފަހުން ދީދީ ބައިވެރިވިވެ ވަޑައިގެންނެވި ފުރަތަމަ ހަފުލާ އެވެ.
ދީދީ ވިދާޅުވީ، މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާއެކު ސިސްޓަމެޓިކް ގޮތެއްގައި ރޭވިގެން ކަމަށެވެ. އަދި ސަރުކާރުން ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެއީ ކުންފުނިން ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިއަދަށްވުރެ މާ ރަނގަޅު ހިދުމަތްތަކެއް މާދަމާއަށް ތައްޔާރުވުމަށް ކަމަށް ވިދާޅުވި އެވެ.
އަދި މިއަދު އެ ކުންފުންޏަކީ ވަރަށް ފުރިހަމަވެފައިވާ، ވަރުގަދަ އަދި ރާއްޖޭގެ އެންމެ ފުންނާބުއުސް ކުންފުންޏަކަށްވާ އިރު، ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއްގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރަން އޮތް ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ، ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަބަދުވެސް ޒިންމާއަކީ ކުންފުންޏަށް ރަނގަޅު ތަރައްގީތަކެއް ލިބި، ދައުލަތަށާއި ރައްޔިތުންނަށް މި ކުންފުނީގެ ހިދުމަތް ލިބުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރިވެ، ތެދުވެރިވެ ހިތްވަރު ކުރުމަށް ނަސޭހަތްތެރިވި އެވެ.