އިދިކޮޅު ޕީޕީއެމްގެ ކައުންސިލަށް އަންހެން ފަސް މެމްބަރުން ރޭ އިންތިހާބުކޮށްފިއެވެ.
ޕީޕީއެމް ކައުންސިލްގެ ފަސް ގޮނޑިއަށް 27 މެމްބަރުން ވާދަކޮށްފައިވެއެވެ.
މި އިންތިހާބު ކާމިޔާބުކޮށް ކައުންސިލަށް ހޮވިވަޑައިގެންނެވީ ޝެރީނާ އަބްދުއްސަމަދު އާއި ޖަމީލާ އަލީ ހާލިދު އާއި ޖީނާޒު އަދުނާން އާއި އައިމިނަތު ނާސިހާ އަދި އާއިމިނަތު ޝިޔާނާއެވެ.
އެގޮތުން އެންމެ ގިނަ ވޯޓު ހޯއްދެވީ ޝެރީނާ އަބްދުއްސަމަދެވެ. އޭނާ އަށް 46 ވޯޓު ލިބިވަޑައިގަތެވެ.
މި އިންތިހާބުގައި 64 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާއިރު ވޯޓް ދީފައިވަނީ 51 މީހުންނެވެ.
އިދިކޮޅު ޕީޕީއެމްގެ ކައުންސިލަށް އަލަށް އިތުރުކޮށްފައި ވަނީ 10 މެމްބަރުންނެވެ. އަލަށް އިތުރުކުރި 10 މެމްބަރުންނާއި ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް ވެސް މެމްބަރުން ވަނީ އިންތިހާބުކޮށްފައެވެ.
ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.