ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ އަށް މިއަދު ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދުގެ މި މިދަތުރުފުޅަކީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ލަންކާ މިހާރު އޮތް ބޮޑުދަތުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމާ ގުޅޭ ގޮތުން ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިދިޔަ މަހުގެ ތެރޭގައި މަޝްވަރާކޮށް، އެހީ ހޯދުމުގެ މަސައްކަތް ލަންކާ އިން ނަޝީދާ ރަސްމީކޮށް ހަވާކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެގޮތަށް ނިންމެވީ ރަނިލް އާއި ނަޝީދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން ނަޝީދު އަމިއްލަފުޅަށް ހުށަހެޅުއްވުމުންނެވެ.
ލަންކާ އިގުތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓި، ރައްޔިތުން ހާލުގައި ޖެހިފައިވާތީ ރައްޔިތުން އަންނަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ. މިހާރުގެ ހާލަތުން އަރައިގަތުމަށް ލަންކާ އަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.