އަހަރެމެންގެ ތެރެއިން ގިނަ މީހުންއަކީ ވަޒީފާގައި މަދުވެގެން 8 ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކުރާ މީހުންނެވެ.
މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި މީހާ ވަރުބަލިކަން އިހްސާސްވާގޮތް ވެއެވެ. ނަތިޖާއެއްގެ ގޮތުން އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ.
ގިނަ ފަރާތްތަކަށް އެންމެ ފަރުވާ ކުޑަ ކުރެވޭ އެއްކަމަކީ ސިއްޙަތެވެ. އޮފީހުގައި ގިނަ ވަގުތު ހުންނަން ޖެހުމުން ގިނަ ފަހަރަށް ބޭރުން ކެވޭ ގޮތް ވެއެވެ. އަދި ރޭގަނޑުގެ ވަގުތުގައި ވަރުބަލި ވެފައި ހުންނަން ޖެހުމުން ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކެއުމުގެ ބަދަލުގައި ކޮންމެވެސް ކަހަލަ ޖަންކްފުޑްއަކުން ބަނޑުފުރާލައެވެ. މިކަންކަމުގެ ސަބަބުން މީހާ ފަލަވެ ސްޓްރެސް އިތުރުވާ ގޮތްވެއެވެ.
އެގޮތުން ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލާ ހެދުމުން ވަރުބަލިކަން ފިލުވާލަ ދެއެވެ. ހެނދުނު ވަގުތުގައި ދުވަން ނުވަތަ ހިނގަން ދިއުމުން ވެސް އޮފީސް މާހައުލްގައި ބިޒީ ކޮށް މަސައްކަތް ކުރަން ޖެހުނަސް ވަރުބަލި ކަން އިހްސާސް ވުން ކުޑަ ކޮށްދެއެވެ. އެހެނީ ކަސްރަތަކީ ކަންނެތް ކަން ފިލުވާލާ އެއްޗެކެވެ.
އަދި ބޭރު ތެރެއިން ކެއުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ އެއް ގޭގައި ތައްޔާރު ކޮށްލުމުން ތިމާގެ ހަށިގަނޑަށް ފައިދާ ވުމުގެ އިތުރުން ތިމާގެ ޖީބުން ހަރަދުކުރަން ޖެހޭ ވަރު މަދުކޮށްދެއެވެ.
މީގެ އިތުރުން ދުވާލަކު 8 ގަޑިއިރު ނިދުމާއި އަޅުކަމާއި ތިމާ ގާތް ކުރި ވަރަކަށް ވަރުބަލި ވުން ކުޑަކޮށްދީ މަސައްކަތުގައި ހިތްހަމަ ޖެހޭ ގޮތްވެއެވެ.