ސިނގިރޭޓް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަހަރެމެން އަށް ގެއްލުންވާ ކަމެއްކަން މިއީ އެންމެންއަށް ވެސް އިނގޭ ވާހަކައެކެވެ.
ނަމަވެސް ދިރިއުޅުމުގައި ދިމާވާ އެކި މައްސަލަތަކާއި ސަބަބުތަކާއި އެކު ދުންފަތުގެ އިސްތިއުމާލް ކުރަން ފަށައި ހުއްޓަން ބޭނުން ވެފައި ތިބި އެތައް ޒުވާނުންއެއް އެބަ ތިބިއެވެ. މިކަމަކީ ކުރަން ފެށުމުން ދުރުވާން އުނދަގޫ ކަމެއްކަން ވެސް އެންމެންއަށް އިނގެއެވެ.
އެގޮތުން ސިނގިރޭޓް ބުއިމާއި ތިމާ ދުރުވާން ބޭނުންނަމަ އެކަމަކީ ވާނެކަމެކެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އެންމެ ފުރަތަމަ ކަމަކަށް ހުއްޓާލަން އަޒުމް ކަނޑައަޅާ ސިނގިރޭޓް ބޯ މިންވަރު މަދުކުރާށެވެ.
ދުންފަތާ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ތަކެތި ތިބާ ދިރިއުޅޭ މާހައުލާއި މަސައްކަތު މާހައުލުން ދުރުކޮށް، މިކަމުގައި މަސައްކަތު މާހައުލުގެ އެކުވެރިންނާއި ގޭތެރެއިން އާއިލާ މީހުންގެ އެއްބާރުލުން ހޯދިދާނެއެވެ.
އަދި ބޭކާރު ގޮތުގައި ދުވާލަކު އެތައް ފަހަރަކުދާ ކޮފީ ތަކަށް ދިއުން މަދުކޮށް އާއިލާ އާއި އެކު ގިނަ ވަގުތު ހޭދަ ކުރަން ފެށުމުން ނުވަތަ ތިމާ ހިތް އެދޭ ކަހަލަ މަސައްކަތެއްގައި ބިޒީ ކޮށް އިނުމުން ވެސް ސިނގިރޭޓް ބޯން ހަނދާން ނެތޭ ގޮތްވެއެވެ.
މީގެ އިތުރުން ގިނަގިނައިން ތަރުކާރީއާއި މޭވާގެ ކެއުމާއި ޗުއިންގަމް ކަހަލަ އެއްޗެއް ހެފުމަކީ ވެސް ސިނގިރޭޓް ބުއިމުން މީހާ ދުރުކޮށްދޭ ކަމެކެވެ.
ސިނގިރޭޓް އަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ވުމުގެ އިތުރުން ސިނގެރޭޓްގެ އިސްތިއުމާލް ކުރުމަކީ މާލީ ގޮތުންވެސް ތިމާ ބޮޑު އަދަވަޅަކަށް ވައްޓާލާކަމެކެވެ. އެހެންނަމަވެސް ދުންފަތަކީ އޭގެ އަވައިގައި ޖެހިއްޖެނަމަ އެއިން ދުރުވާން އުދަގޫ އެއްޗެކެވެ. ނަމަވެސް މިއަކީ ނުވާވަރުގެ ކަމެއް ނޫނެވެ.