ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި އިންޑިއާގެ ބޮޑެތި މީޑިއާތަކުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ކުރިއަށްގެންދާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.
މި ޓީމުގައި ހިމެނޭ މީޑިއާތަކުގެ ތެރޭގައި ޓައިމްސް އޮފް އިންޑިއާ، ފައިނޭންޝަލް އެކްސްޕްރެސް، ބީޑަބްލިއު ބިޒްނަސް ވޯލްޑް، އެންޑީޓީވީ ފުޑް، އަދި ޓްރެވަލް ޑައިންގެ މެންބަރުން ހިމެނެ އެވެ. މި ޓީމް މި މަހުގެ 19ގެ ނިޔަލަށް ރާއްޖޭގައި ތިބޭނެެ އެވެ.
މި ދަތުރުގައި އެ ޓީމުގެ މެމްބަރުން ތިބެނީ ކުރަމަތި މޯލްޑިވްސް، ދަ ރެސިޑެންސް މޯލްޑިވްސް އާއި ނޮކު މޯލްޑިވްސްގަ އެވެ. މި ދަތުރަށްފަހު މި ޓީމުގެ މެމްބަރުން ރާއްޖެއާ ބެހޭ ތަފާތު އެކި އާޓިކަލްތައް ޝާއިރުކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް 732،884 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. އޭގެ ތެރެއިން 104،800 ފަތުރުވެރިންނަކީ އިންޑިއާ އިން ރާއްޖެއަށް އައި ފަތުރުވެރިންނެވެ.