ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ އޭނާގެ އީމާންކަން ބަލިކަށި މީހެއް ކަމަށާއި، އެއީ މާތް ﷲ ގެ ދުޝަމަނުންނާ އެއްފަދަ މީހެއް ކަމަށް ހުތުބާގައި ބުނެފި އެވެ.
ހުތުބާގައި ބުނީ ތަރިކަ މުދާ ބެހުމުގައި އެއްވެސް ވާރުތަވެރިއަކަށް ލިބުމަށް ޝަރުއުކުރައްވާފައިވާ މިންވަރު ލިބުމަށް ހުރަސްއަޅާ މީހަކީ އަނިޔާވެރިއެއް ކަމަށެވެ. އަދި ނަމާދު ކުރިޔަސް، ރޯދަ ހިފިޔަސް، ގުރުއާން ކިޔަވައި އުޅުނަސް، ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ އޭނާގެ އީމާންކަން ބަލިކަށި މީހެއް ކަމަށެވެ.
ވާރުތަ މުދާ އޭގެ ހައްގުވެރިންނަށް ލިބުމަށް ހުރަސްއަޅާ ވާރުތަވެރިއަކީ ރަހިމުގެ ގުޅުން ކަނޑައިފި މީހެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ތަރިކަ މުދަލަކީ އެ މުދާ ބެހުން މާތްﷲ ފަރުޟުކުރައްވާފައިވާ އެއްޗަކަށް ވާއިރު، ތިމާއަށް ހައްގުނޫން މުދަލެއް ކެއުމުގެ ނުބައިކަން ބަޔާންކޮށް ހުތުބާގައި ބުނީ އެއީ އަނގުރު އަލިފާން ކެއުންފަދަ ކަމެއް ކަމަށެވެ.
އެގޮތުން ކޮންމެ ވާރުތަވެރިއަކަށް ދިނުމަށް ޝަރުއުކުރައްވާފައިވާ މިންވަރަށްވުރެ އިތުރަށް ވާރުތަ މުދަލުން ބައެއް ދިނުމަށް ވަސިއްޔަތް ނުކުރެވޭނެކަންވެސް ހުތުބާގައި ފާހަގަކުރި އެވެ.