މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގައި ކޮންޓެއިނާ އަކުން މާބަލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި އެ ޝީޓްތަކުގެ ތެރޭ ތާށިވި ދެވަނަ ބިދޭސީ މީހާ ވެސް މަރުވެއްޖެ އެވެ.
ހުޅުމާލެ ފޭސް ދޭއްގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނާ އަކުން މާބަލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށިވިއިރު ފުރަތަމަ މީހާ ވަނީ އެ ހާދިސާ ހިނގި ދުވަހު މަރުވެފަ އެވެ.
ދެވަނަ ބިދޭސީ މީހާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަންގާރަ ދުވަހު އެވެ. އެކަމަކު އެ ހާދިސާގައި އޭނަ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އެނގިފައެއްނުވެ އެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.