ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތަކުގެ ސަބަބުން ކޮންމެ 15 މިނިޓަކުން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ގެނައި އާ ބަސްތަކުން ތިން މަންޒިލަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ ދަތުރުތައް ކުރާނެ އެވެ. އެއީ މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ ބަސް ޓާމިނަލަށާއި ކާނިވާ ސަރަހައްދު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއާއެކު ކޮންމެ 10 މިނިޓަކާއި 15 މިނިޓެއްގެ ތެރޭގައި އެއިން ކޮންމެ ރޫޓަކަށް ވެސް ބަސް ދަތުރެއް ކުރެވޭނެ އެވެ. މާލެ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދޭ ހަ ރޫޓުގެ ބަދަލުގައި އަށް ރޫޓަށް ހިދުމަތް ފުޅާ ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އާ 15 ބަހާއެކު މާލެ ސަރަހައްދުގައި އެ ކުންފުނިން ދުއްވާ ބަހުގެ އަދަދު 46 އަށް އިތުރުވީ އެވެ.
އެ ކުންފުނިން އިތުރު 15 ބަސް ގެނެސް ހިދުމަތްތައް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބަހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އައްޑު އާއި ފުވައްމުލައް އަދި ލ. އަތޮޅުގެ ބަހުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ މަހު އެ އަތޮޅުތަކަށް އާ ބަސްތައް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއަތޮޅުތަކަކީ މިހާރު ވެސް އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދެމުން އަންނަ އަތޮޅުތަކެވެ.
މިއަހަރު ނިމުމުގެ ކުރިން ޓެކްނޮލޮޖީގެ އެހީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދޭ ކޮންމެތާކުން ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ބީއެމްއެލްގެ ކާޑުތަކާއި މާސްޓަރ ކާޑު މެދުވެރިކޮށް އަދި ސްމާޓް ފޯނު މެދުވެރިކޮށްވެސް އެމްޓީސީސީގެ ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
”މިއަހަރު ނިމުމުގެ ކުރިން ބޭންކް ކާޑް މެދުވެރިކޮށް ޓްރާންސްޕޯޓް ޚިދުމަތްދޭ ކޮންމެތާކުން ޚިދުމަތް ލިބޭނެ. އަދި އަތުގައި ސްމާޓް ފޯނު އޮތިއްޔާވެސް ދަތުރުކުރެވޭނެ ދެން.“ އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން އަންނަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްވެސް ތައްޔާރުވަމުންނެވެ. މާލެ ސަރަޙައްދުގައި މީނީ ބަހުގެ ޚިދުމަތް ފެށުމަކީ މާލޭގެ އެތެރޭގައި އޮންނަ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނެ ބަދަލެކެވެ. އާޒިމް ވިދާޅުވީ އަންނަ ޖުލައިމަހުގެ ތެރޭގައި މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށިގެންދާނެކަމަށެވެ.