ހުޅުމާލެ ފޭސް ދޭއްގައި ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން، މި ސަރަޙައްދުގައި ދިރިއުޅޭ ޢާއިލާތަކުގެ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދިނުމަށްޓަކައި ބޭނުންވާ ސްކޫލްތައް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލަކާއި، އިތުރު 2 ޕްރީސްކޫލް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އޭގެތެރެއިން މިހާރު އެއް ސްކޫލާއި، 2 ޕްރީސްކޫލްގެ މަސައްކަތް ނިމި، މިހާރު ހުޅުވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ކުރިއަށްދާ ޞަލާޙުއްދީން ސްކޫލްގެ މަސައްކަތް އަންނަ އަހަރު ހުޅުވޭނެ ކަމަށާއި އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ 2 ސްކޫލް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރެއަށް ނިންމައި ޚިދުމަތް ދެވޭވަރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފޭސް 2 ގައި ސަރުކާރުން އަޅާފައިވާ ވަގުތީ 2 މިސްކިތާއި، އަމިއްލަ ފަރާތަކުން އަޅާފައިވާ 2 މިސްކިތް މިހާރުވެސް ބޭނުންކުރަމުންދާއިރު ސަރުކާރުން މިހާރުވެސް 3000 މީހުންގެ މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަމިއްލަ ފަރާތަކުން އިތުރު މިސްކިތެއް ހުޅުމާލެ ފޭސް 2 ގައި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ޞިއްޙީ ޚިދުމަތް، ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ދިނުމަށްޓަކައި 3 ކްލިނިކަކާއި، 3 ފާމަސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވޭ. އަދި އޭގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ހޮސްޕިޓަލާއި، އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން އެގެންދަނީ ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ފޭސް ދޭއްގެ މަގު ހެދުމުގެ 85 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުން ކަންބޮޑުވުންތައް އަޑުއަހައި ހައްލު ހޯދުމަށް ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭހެން ރައީސް އޮފީހުގައި ޓީމެއް އެކުލަވަލާލައި، އެމަސައްކަތް ކުރެވެމުންދާ ކަމަށެވެ.