އިޤުތިޞާދު އިޢާދަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ މަގު ދައްކަވަމުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، މިއަދު ހެނދުނު ކްރޮސްރޯޑްގައި ފެށި ”ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް“ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބުލިޔުޓީއޯ) ގުޅިގެން ބާއްވާ މި ސަމިޓްގައި މަޝްވަރާކުރާނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުޞަތުތަކާއި އަދި ގޮންޖެހުންތަކާއި ގުޅޭ ގޮތުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު އިޢާދަކޮށް ގެއްލުންތަކުން އަރައިގަތުމަށް މަގުދައްކަވައި، ރައީސް ސޯލިހު ގެންދަވަނީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އިޤުތިޞާދު އިޢާދަކޮށް ހަރުދަނާ ކުރުމަކީ ގޮންޖެހުންތައް ބޮޑު ކަމެއް ކަމަށާއި، އެންމެން ޝާމިލްވާ ތަރައްޤީއަށްޓަކައި އެންމެ މަތީ ދަރަޖައަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ޤާބިލްކަން އިތުރުކުރަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެންމެންގެ އެއްބާރުލުން ދިނުމާއި، އައު އީޖާދުތައް ބޭނުންކުރުމާއި އޭގެ ފައިދާ މުޅި މުޖުތަމަޢަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއި އެކު ޙިއްޞާކުރުމުގައި އީޖާދީ ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރަމުން އަންނަ ދުވެލި މަޑުޖެހިފައި ވާއިރު، އެކަމަަށް އުފެއްދުންތެރި ޙައްލުތަކެއް ބޭނުންވާ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ބިނާކުރުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ނައިބު ރައީސް ވިދާޅުވީ، ޘަޤާފީ އަދި ޤުދުރަތީ ތަރިކަ ރައްކާތެރިކުރާ ވަޞީލަތެއްގެ ގޮތުގައި ފަތުރުވެރިކަން އަލުން ބިނާކޮށް ރަނގަޅު ވަޒީފާތަކާއި އާމްދަނީ ލިބޭ ގޮތް ހެދުން މުހިއްމު ކަމަށްވެސް ވިދާޅުވެފަ އެވެ.