ގިނަ ބަޔަކު މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލޭ ދެވަނަ ފޭހުގައި މުޅިން އަލަށް ކްލިނިކެއް ހުޅުވައިފި އެވެ.
މިއަދު ހުޅުވި ކްލިނިކަށް ދީފައިވާ ނަމަކީ ”ހިޔާ މެޑިކަލް ސެންޓާ“ އެވެ. މިތަން ހުންނަނީ ހިޔާ ޓަވަރު 12 ގެ ތިރީގަ އެވެ. މިއީ ލައިފް ސަޕޯޓް މެޑިކަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ހުޅުވި ތަނެކެވެ.
ކްލިނިކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ލައިފް ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައުމޫން ވިދާޅުވީ އެ ކްލިނިކް ވާނީ ބަލި މީހުންނާ ވަރަށް ގާތުން ފަރުވާދޭ، ހިދުމަތް ހޯދަން ވަރަށް ފަސޭހަ އަދި ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ ތަނަކަށެވެ.
ކްލިނިކުން ލިބޭނެ އިތުރު ހިދުމަތްތަކުގެ ތެރޭގައި ހޯމްކެއާ އާއި އެލްޑަލީ ކެއާގެ ހިދުމަތްތަކާއި ހިލޭ ވައިޓަލްސް ޗެކް ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
”ހިޔާ މެޑިކަލް ސެންޓާ“ އިން އަދި އާސަންދައިގެ ދަށުން ހިދުމަތް ލިބެން ނެތަސް، އެ އިންތިޒާމު ވަރަށް ހަމަޖެހޭނެ ކަމަށް ކްލިނިކުން ބުންޏެވެ.