މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގާތްގަނޑަކަށް ނިމިފައިވާ 1،344 ހައުސިން ޔުނިޓް އެބަހުރި ކަމަށާއި އެތަންތަނުގައި ދާދިއަވަހަށް މީހުން ދިރިއުޅެން ފަށައިފިކަމުގެ އަޑު އިވޭނެ ކަމަށެވެ. ހަމައެއާއެކު މިވަގުތުވެސް މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.
ރައީސް އޮފީހުގައި މިމަހުގެ 8 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެކަން އޮތީ ގޯތި ދޫކުރުމަށް އިއުލާން ކުރާ ހިސާބުގައި ކަމަށެވެ.
”މި މަސް ނިމުގެ ކުރިން، ޖޫން މަސް ނިމުމުގެ ކުރިން ފުރަތަމަ 3،000 ގޯތި ދޫކުރަން އިއުލާންކުރާނަން.“ ރައީސް އެދުވަހު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލޭ ރައްޔިތުންނަށް ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
ހުޅުމާލެއިން 1000 ގޯތީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރަށްވާފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.