އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތައް ކައުންސިލްތަކުން ބޭއްވުން ރަނގަޅު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.
ރޭ ”ރާއްޖެ ޓީވީ“ ގައި ވާހަކަދައްކަމުން ހަބީބް ވިދާޅުވީ ޑަބްލިއުޑީސީ އިންތިހާބުގައި އަމަލުކުރަނީ އެހެން އިންތިހާބުގައި ވެސް އަމަލުކުރާ މިންގަނޑުން ކަމަށާއި އެގޮތުން އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ޑަބްލިއުޑީސީގެ ތިން ބައި އިލެކްޝަނަކަށް އެކަނި ވެސް އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓުން ގާތްގަނޑަކަށް ދޮޅު މިލިއަނެއްހާ ރުފިޔާ ހޭދަކުރަންޖެހޭ ކަމަށެވެ.
އެގޮތުން މިކަމަށް އޮތް ހައްލަކީ ޑަބްލިއުޑީސީގެ އިންތިހާބުތައް ކައުންސިލްތަކުން ކުރިއަށްގެންދިޔުން ކަމަށާއި އޭރުން އީސީން ކުރަންޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ދެފުށް ފެންނަ ގޮތަކަށް ބާއްވާ އިންތިހާބުތަކެއް ކަމަށްވާއިރު ކައުންސިލްތަކުން އިންތިހާބުތައް ބޭއްވިޔަސް ހަމަ އެގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
”އެންމެންގެ ކުރިމަތީގައި ވޯޓުލާން މި ފަށަނީ، ދެފުށް ފެންނަ ހުސް ފޮއްޓެއް މި ހުންނަނީ. އެ ފޮއްޓަށް ވޯޓުލާއިރު ވޯޓާސް ލިސްޓު އެންމެންގެ އަތުގައި އޮވޭ. ވޯޓުލީ މީހުންނާއި ނުލާ މީހުން އެބަ ފާހަގަކުރެވޭ. ވޯޓްލާ ނިމުނީމަ އެންމެން ކުރިމަތީގައި ގުނަނީ. އަނެއްހެން ބަލާއިރު މަކަރެއް ހެދޭނެ ގޮތެއް ނެތް. ރަށު ކައުންސިލުން މިކަން ކުރިޔަސް ރަނގަޅަށް މިކަން ކުރެވޭނެ.“ ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ ރަށްރަށުގައި މިހާރުވެސް އީސީން އިންތިހާބުތައް ބާއްވާއިރު އެކަމަށް އެހީތެރިކަން ފޯރުކޮށްދެނީ އެ ރަށެއްގައި ތިބޭ މީހުން ކަމަށެވެ. އަދި މިކަން ކުރެވޭނެ ވަރަށް ޕްރޮފެޝަނަލް ފަރާތްތައް ރަށްރަށުގައި އެބަތިބި ކަމަށާއި ޑަބްލިއުޑީސީ އިންތިހާބުތައް ކައުންސިލްތަކުން ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.