ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީގެ ވެރިޔާ އިބްރާހީމް މުހައްމަދު ދީދީ (ސިމްޑީ ޑީޑީ) އާއި ކުރީގެ ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާގެ ޅީދަރިފުޅު ޗެމްސީ އެލެކްޒެންޑަރާ ނިއާޑް މަސްތުވާތަކެތީގެ މައްސަލައެއްގައި އޮސްޓްރޭލިއާއިން ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އޮސްޓްރޭލިއާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ޗެމްސީއަކީ އިބްރާހީމް ދީދީގެ ދަރި، މާއިޒް އިބްރާހީމްގެ އަންހެނުންނެވެ.
އެ ދެ މީހުންނަކީ ވެސް ސިމްޑީގެ މަގާމްތަކުގައި އުޅޭ މީހުންނެވެ. އެގޮތުން މާއިޒްއަކީ ސިމްޑީގެ ޑިރެކްޓަރެކެވެ. އަދި އޭނާގެ އަންހެނުން ޗެމްސީއަކީ ސިމްޑީގެ ޓްރޭޑް ޑިވެލޮޕްމެންޓް އޮފިސަރެވެ.
އޮސްޓްރޭލިއާގެ ނޫސްތަކުގައިވާގޮތުން ޗެމްސީއަށް ކުރާ ތުހުމަތަކީ އޮސްޓްރޭލިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ނެޓްވޯކެއްގައި ބައިވެރިވާ ކަމުގެ ތުހުމަތެވެ.