ލޮބިވެތި މުސްލިމް އަހުންނާއި އުހުތުންނެވެ! އިންސާނީ ވަގުފާރީގެ ސަބަބުން މުޅު އިންސާނިއްޔަތަށް މިއަދި ވަނީ އިޖްތިމާއީ ބޮޑު މުސީބާތަކާއި ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން އެތައް އިންސާނުންނެށް ވަނީ ދެރަވެ މާޔޫސްވެ އަބާއްޖަވެރިވެފައެވެ. ބޮޑެތި މުސާރަތައް ދޭނެކަމަށްބުނެ އެތައް ލައްކަ ބަޔަކު އަމިއްލަ ވަޒަން ދޫކޮށް އެހެން ގައުމުތަކަށް ފޮނުވަނީ ކެހިވެރި މަކަރުވެރި ހީލަތެއްގެ ތެރެއިންކަމީ ގަބޫލު ކުރަންޖެހޭ ކަމެކެވެ. މި ބިރުވެރި ނާމާން ދަތުރުގައި އެތައް ބަޔަކުވަނީ ނާމާންކަނޑަށް ޣަރަޣު ވެގެން މަރުވެފައެވެ. ގިނަބަޔަކު ވަނީ ވަގުފާރީގެ މަކަރުވެރި ދަލުގެ ޝިކާރައަކަށް ވެފައެވެ. ގޭގައި މަސައްކަތް ކުރުވަން ގެންނަ އަންހެން މިހާ ލައްވާ ހަށި ވިއްކުމުގެ ވިޔަފާރީގެ އިތުރުން ފާޙިޝް އަމަލުތައް ކުރުވުމައް ވަނީ މަޖުބޫރު ކުރުވާފައެވެ.
އިސްލާމް ދީނަކީ އިންސާނާގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދީ ފައެވެ. ތަފާތު އެކި އެކި ބޭނުން ތަކުގައި މީހުން ގެނެސް އެމީހުން ލައްވާ އަޅު މަސައްކަތް ކުރުވާއިރު އެމީހުންގެ އިންސާނީ ހައްގުގެ މަތިން ވިސްނާލިން ތޯއެވެ. އެމީހުންގެ މައިންބަފައިންނާ، އަބިންނާ، ފިރިންނާ އަދި ދަރިންގެ ހިތުގައި އަޅާނެ ވޭނާ ދޭތެރޭ ވިސްނާލިން ތޯއެވެ. ދުވާލާ ރޭ ބުރަ މަސައްކަތް އެމީހުން ލައްވާ ކުރުވާއިރު އެމީހުންނަށް ދޭންޖެހޭ އުޖޫރަ ނުދީ 6 މަސް 7 މަސް ވާއިރު އެމީހުންގެ ހިތުގައި އަޅާނެ ހިތިވޭން އިހުސާސް ކުރެވޭ ތޯއެވެ.
އިސްލާމް ދީނުގެ އުސޫލުތަކަށް ބަލާއިރު އިންސާނާގެ ކަރާމަތާއި، އިންސާނިއްޔަތަށް ފުށުއަރާ އެންމެހާ އަމަލުތަކަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެވެ. ރާއްޖޭގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ކުންފުނިތަކުން އެމީހުންނާއި މެދު އިހުމާލުވެ، އެމީހުންގެ ޙައްގުތައް ނުދޭނަމަ، އެ ޙައްގުތައް ހޯދަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންނެވެ. ހަމަނުޖެހުން ހިންގާ ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީގެން ނުވާނެއެވެ. އިސްލާމް ދީނަކީ ދުނިޔަވީ މިފަދަ ކޮންމެ ކަމެއްގައި އަދުލުވެރިވުމާއި، އިހުސާންތެރިވުމަށް ގޮވާލާ އެންމެ އިންސާފުވެރި ދީންކަމީ ފެންނަން އޮތް ހަގީގަތެވެ.
އަޅުގަނޑުމެން މުޅި އިންސާނީ ނަސްލު ތަހައްމަލު ކުރަމުން މިދަނީ ސިއްހީ ބޮޑު ކާރިސާއަކާއެވެ. އެކަމާ ގުޅިގެން އެތައް ބަޔެއްގެ އައްމަތި ދަތިވެ، ބިކަ ހާލުގައި ޖެހިފައިވެއެވެ. އެހެން ކަމުން މުއައްޒަފުންގެ ޙައްގުތަކަށް ރައްކާތެރިވެ، އުޖޫރަ ދިނުމާއި، އިނާޔައްތައް ދިނުމުގައި އިންސާފުވެރިވެ، ދީލަތި ވުމަށް އިލްތިމާސް ކުރަމެވެ. މި ނާޒުކު ދަނޑިވަޅުގައި މުޅި އިންސާނީ ނަސްލު ގޮވަމުން މިދަނީ ދީލަތެ އަދި މަދަދުވެރި އެހީތެރިކަމުގެ އަތްތަކަކަށެވެ. އާދެ އަޅަމެންނަކީ ވަތަން ދެކެ ލޯބިވާ، ވަތަންގެ އަމަންއަމާންކަމާއި، ސިޔާދަތާއި، އިންސާނީ ޙައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރާ ބަޔަކު ކަމުގައި ލައްވާންދޭވެ. އާމީން.