މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އުވާލަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް އެޗްޑީސީއިން ނިންމާ އެކަން އިއުލާން ކޮށްފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހައްގުގައި އެޗްޑީސީ އުވާލަން މިހާރ އެބަޖެހެ ކަމަށާއި، މާލޭ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް މިހާރު އެޗްޑީސީ ވެފައި ވާކަމަށެވެ. އަދި އެޗްޑީސީ އުވާލާ މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ގާނޫނުގައި ބުނާ ފަދައިން ރައްޔިތުން ހޮއްވަވާފައިވާ ކައުންސިލުން ބަލަހައްޓަން ޖެހޭ ތަނަކަށް ވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެޗްޑީސީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބީލަމުގެ އުސޫލުން ދެވަނަ ފިޔަވަހީގެ ބިމުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެއް ވިއްކަން ނިންމާފައިވާ ކަމަށެވެ. މި ބިންތަކަކީ އަތިރިމައްޗާއި ކައިރިން އަދި އަތިރިމަތީ ކުރިމަތިން ދޫކުރާ ބިންތަކެކެވެ.
ބިން ގަންނަން އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި600 އަކަފޫޓުގެ ބިމެއް ނެތުމާއި އެއް ފަރާތަކަށްވުރެ ގިނަ ފަރާތަކަށް ރެޖިސްޓްރީ ކޮށްފައި ބިމެއް އޮތް ނަމަ އެމީހަކަށް ކަނޑައެޅިފައިވާ ބިމުގެ ބޮޑުމިނުގައި600 އަކަފޫޓު ނެތުން ހިމެނެ އެވެ.
މިކަމާއި ގުޅިގެން ރައީސް މުހައްމަދު ނަޝީދު އާއި ސަރުކާރުގެ ބައެއް މެމްބަރުންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މާލޭގެ ރައްޔިތުންގެ ހައްގަށް މިކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށްވެސް އެބޭފުޅުން އަންނަނީ ބުނަމުންނެވެ.