ކުޅުދުއްފުށިން އިތުރު 3 މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 20 އަށް އަރާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފުލޫ ކްލިނިކަށް އިއްޔެ ދެއްކި މީހަކު ޕޮޒިޓިވްވެފައިވާއިރު، އެހެން ކްލަސްޓަރއެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިއަދުވަނީ 3 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 20 އަށް އަރާފައެވެ.
ގިނަދުވަސްތަކަކަށް ފަހު އެންމެ ފުރަތަމަ އެ ސިޓީ ކޮވިޑް ކޭހެއް ފެނުނީ މިމަހު 20 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ ކޭސް ފެނުނު އިރު އެކަކަކީ މާލެއިން ދަތުރުކުރި މީހެކެވެ. އެމީހާވެސް އެއްވެސް ކޮންޓެކްޓެއް ނެތް އިރު ދެން ޕޮޒިޓިވްވީ އަލާމާތް ހުރެގެން އޯޕީޑީއަށް ދެއްކި 30 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާގެ ކޮންޓެކްޓުންގެ ތެރެއިން އިތުރު 3 މީހަކު ޕޮޒިޓިވް ވިއެވެ.
އޭނގެފަހުން ކުޅުދުއްފުއްޓާއި މާލެ އާއި ދެމެދު ދަތުރުކުރާ ސީކުއީން ބޯޓުން 3 މީހަކު ޕޮޒިޓިވްވެފައިވާއިރު ސީކުއީން ބޯޓް ޓެސްޓްކުރީ 30 އަހަރުގެ އަންހެން މީހާގެ ކްލަސްޓާއާއި ގުޅުން ހުރިކަމަށް ބެލެވޭތީކަމަށް މީގެކުރިން އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިމަހު 23 ވަނަ ދުވަހު 11 އަހަރުގެ ކުއްޖަކާ 9 އަހަރުގެ ކުއްޖަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓްވެފައެވެ. 9 އަހަރުގެ ކުއްޖާއަކީ އަލާމާތް ހުރެގެން ފުލޫ އޯޕީޑީއަށް ދެއްކި ކުއްޖެކެވެ. އަދި 11 އަހަރުގެ ކުއްޖަކީ ގާރލްގައިޑް ކޭމްޕަށް ދިޔުމުގެ ކުރިން ނެގި ސާމްޕަލެކެވެ.
މިވަގުތު އެ ސިޓީގެ 26 ގެއެއްގައި 61 މީހަކު ކަރަންޓީންގައި އެބަތިއްބެވެ.