ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައި، އެކަމަށް ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކާނީ ބީލަމުގެ އުސޫލުން ކަމަށެވެ. އަދި ވިއްކުމަށް ހަމަޖެހިފައި ވަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިން ކަމަށް ބުންޏެވެ.
އެ ގޯތިތައް ދޫކުރަން ނިންމާފައި ވަނީ، އަތިރިމައްޗާ ކުރިމަތިން، “ބީޗް ފްރަންޓް” އަދި “ބީޗް ސައިޑް” އިންނެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ބީޗް ފްރަންޓް ގޯތިތަކަށް ބީލަން ފޯމް ހުށަހެޅުމާއި ފޯމް ހުޅުވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ބީޗް ސައިޑް ގޯތިތަކަށް ބީލަން ފޯމް ހުށަހެޅުމާއި ފޯމް ހުޅުވުން އޮންނާނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
އަދު ބީލަމަށް އެދޭ ފޯމް ވިއްކާނީ 2 ޖަނަވަރީ 2022 އިން 31 ޖަނަވަރީ 2022 އަށެވެ. އަދި މައުލޫމާތު ސާފުކުރުން އޮންނާނީ 3 ފެބްރުއަރީ 2022 އިން 9 ފެބްރުއަރީ 2022 އަށެވެ.