ދި ޑެއިލީގެ ކިޔުންތެރިންނަށް މި ކިޔައިދެނީ ”ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމް“ ހޯދެއްވި މާލޭ ސިޓީ ކައުންސިލް އިދާރާގެ ސީނިއަރ އެކައުންޓްސް އޮފިސަރ މަޤާމު އަދާކުރާއްވާ ހުޅުމާލޭ ފުލެޓް ނަންބަރު02-ޖީ-18، އަލްފާޟިލް ޢަބްދުﷲ ރަމީޒް ޚިދުމަތުގެ ވާހަކައެވެ.
ޢަބްދުﷲ ރަމީޒް، ދިވެހި ސަރުކާރުގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވީ، 14 ޖަނަވަރީ 1982 ގައި ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަނުގެ 2 ނަންބަރު ކާތިބު ކަމުގެ މަޤާމުންނެވެ. އޭގެ ފަހުން މެދުކެނޑުމެއްނެތި ގެންދަވަނީ ޚިދުމަތް ކުރައްވަމުންނެވެ. ރަމީޒު ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.

ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަންގައި ހުންނަވަނިކޮށް 1982 ސެޕްޓެންބަރު 1 ވަނަ ދުވަހު މާލޭ މުނިސިޕަލްޓީ އުފެއްދެވުމާ ގުޅިގެން، އެތަނުން ކުރައްވަމުން ގެންދެވި މަސައްކަތް މާލޭ މުނިސިޕަލްޓީއަށް ބަދަލު ކުރެއްވުމުން އެދުވަހުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ މާލޭ މުނިސިޕަލްޓީގައެވެ. މާލޭ މުނިސިޕަލްޓީގެ 2 ނަންބަރު ކާތިބު ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަޤާމު އަދާކުރައްވާފައިވެއެވެ.

ލާމަރުކަޒީ ޤާނުނުގެ ދަށުން ކައުންސިލްތައް އުފެއްދެވުމާ ގުޅިގެން ޚިދުމަތް ކުރައްވަން ޖެހިވަޑައިގެންނެވީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމު އަދާކުރެއްވުމަށް ފަހުގައި މިހާރު ހުންނެވީ، ސީނިއަރ އެކައުންޓްސް އޮފިސަރު ކަމުގެ މަޤާމުގައެވެ.

ޢަބްދުﷲ ރަމީޒަކީ، މާލޭ މުނިސިޕަލްޓީގައި ހުންނަވައިގެން މާލޭގެ ތަރައްޤީއަށް ހިންގި ވަރަށް ގިނަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން އުޅުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން މާލޭގެ މަގުތަކުގައި ގާ އަތުރައިގެން ރަނގަޅުފެންވަރަކަށް ހަދަން ފެށުމުގެ މަސައްކަތާއި، ތިލަފުށިން ބިން ހިއްކަން އަލަށް ފެއްޓެވުމުގައްޔާއި، ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން ކުރަންޖެހުނު މަސައްކަތްތައް ކުރުމަށް ބޭނުންވާ ބަޖެޓް އެކުލަވައިލުމަށް އިސްވެ ހުންނަވައިގެން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން، މައިކްރޯސޮފްޓް ތާނަ ތަޢާރަފްވުމުގެ ކުރިން، މާލޭގެ ގޭގެއަށް ކިޔާ ނަންތައް ފަސޭހައިން ދެނެގަތުމުގެ ގޮތުން ތާނައިގެ އަކުރުތަކުގެ ތަރުތީބުން ގޭގެއަށް ކިޔާ ނަން ލިޔުމުގައިވެސް ވަރަށް މުހިއްމު ދައުރެއް ރަމީޒު އަދާކުރައްވާފައިވެއެވެ. އަދި މާލޭގެ އެޑްރެސް ފޮތް ތައްޔާރުކޮށް، ޗާޕުކޮށް ވިއްކުމާއި، އެޑްރެސް ފޮތުގެ ސީޑީ ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތް ވެސް ކުރައްވާފައިވެއެވެ.
ޢަބްދުﷲ ރަމީޒު، ދިގު މުއްދަތެއްގައި ކުރެއްވީ ފައިސާއާބެހޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި، އަހަރީ ބަޖެޓް އެކުލަވައިލެއްވުމާއި، ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުގެ ތެރެއަށް ފައްތަވައިގެން ބަޖެޓުން ޚަރަދު ކުރެއްވުމާއި، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ޖަމާކުރެއްވުމުގެ މަސައްކަތްތައް ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ދޭ އެކި އެކި ޚިދުމަތްތަކަށް ނުވަތަ އެކި އެކި ކަންކަމަށް އެދޭ ފޯމުތައް، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކާއެކު އޮންލައިންކޮށް ހުށަހެޅުމަށް ޕޯޓަލްއެއް އުފެއްދެވުމާއި، މާލޭގައި ހުރި ގަރާޖުތަކާއި، ވަރކްޝޮޕްތަކާއި، ގުދަންތަކުގެ މަޢުލޫމާތު، ފަސޭހައިން ބެލުމަށް އުފެއްދުނު ޕޯޓަލްއާއި، ކޮވިޑް-19 އާ ގުޅިގެން ސިޓީ ކައުންސިލުން ދޫކުރަންޖެހުނު ހުއްދަތައް ދޫކުރުމަށް އުފެއްދުނު ޕޯޓަލް އުފައްދަވައިފައި ވަނީ، ރަމީޒުގެ މޭސްތިރިކަމުގެ ދަށުންނެވެ.

ޢަބްދުﷲ ރަމީޒަކީ، މަސައްކަތުގެ މާހައުލުގައި ވެރިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ފަރުވާތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް މަސައްކަތަށް ނުކުންނަވައިގެން އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ވެސް މެއެވެ.

ރަމީޒަކީ، ސަރުކާރުގެ ވަޒީފާގެ އިތުރުން، ފުޓްބޯޅަ ލައިންސްމަން ކަމާއި ރެފްރީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޤައުމީ ފުޓްބޯޅަ މުބާރާތްތަކާއި، އެހެނިހެން މުބާރާތް ތަކުގައާއި، ރަށްރަށުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައިވެސް ވަރަށް ޒިންމާދާރުކަމާއެކު ގިނަ ދުވަސްތަކެއް ވަންދެން ލައިންސްމަން ކަމާއި ރެފްރީކަން ކޮށްދެއްވިއެވެ. އަދި 1983 ވަނަ އަހަރުން ފެށިގެން ގިނަ އަހަރުތަކެއް ވަންދެން ބާއްވަމުން ގެންދިޔަ ކަސްރަތު މުބާރާތްތަކާއި، ބައިސްކަލް ރޭސް ތަކުގެ އޮފިޝަލްކަން ވެސް ކޮށްދެއްވާފައި ވެއެވެ.
ކުރިއަށް އޮތް ދުވަސްތަކަކީ ރަމީޒަށް އުފާ ފާގަތި ދުވަސްތަކެއް ކަމުގައި ލައްވައި ރަމީޒު ކުރަމުން ގެންދާ ހުރިހާ މަސައްކަތްތަކުގައި މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދި ޑެއިލީގެ މެނޭޖްމަންޓާއި އަޅުގަނޑުގެ އަމިއްލަނަމުގައި ދުޢާ ކުރަމެވެ. އަދި ރަމީޒު ކުރަމުން ގެންދާ ހުރިހާ މަސައްކަތެއްގައި ވެސް ޙަޤީޤީ ކުލަ ޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ.
ގައުމަށް ކޮށްދެއްވި މިންނެތް މަސައްކަތްތަކަށް ޝުކުރިއްޔާ. މާތް ﷲ ތިބާއަށް ރަހުމަތް ލައްވާނދޭ. އާމީން.
ވަރަށް ފުރިހަމަަ ލިއުމެއް! މިފަދަ ލިއުންތަށް ގިނަގިނަ އިން ގެނެސް ދީބަލަ
ލޯބިވާ ބައްޕަގެ މިކާމިޔާބީގެ އުފާ، ދަރިއެއްގެ ހައިޞިއްޔަތުން ބަޔާންކޮއްދިނުމަކީ ނުހަނު އުނދަގޫކަމެކެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕައަކީ، ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް 39 އަހަރު ކޮއްދެއްވި މުވާތިނެއްގެ އިތުރުން އެފަދަ ދެވަނައެއް މަދުން ނޫނީ ނުފެންނާނޭ ބައްޕައެކެވެ. ބައްޕާ އެވެ. ވަރަށް ބޮޑައް ޝުކުރިއްޔާއެވެ. ބައްޕަ ޤައުމައް ތިޔަކޮށްދެއްވި އިޚްލާސްތެރި މަސައްކަތައް ޤައުމު ޝުކުރުއަދާކުރާނެކަން ކަށަވަރެވެ. އަޅުގަނޑަށްޓަކައި ކޮއްދެއްވި ލޮބުވެތި މިންނެއް މަސައްކަތާއި އުފުއްލެވި ބުރައަށް އަޅުގަނޑުގެ މުޅިއުމުރުގައި ޝުކުރުއަދާ ކުރާނަމެވެ. ބަހާއި ޢަމަލުންނެވެ. އަޅުގަނޑުގެ އަބަދުގެވެސް ދުއާ އަކީ އަޅުގަނޑުގެ ބައްޕައަށް އަބަދުމެ ފާގަތިކަން މެދުވެރިކުރެއްވުމެވެ. ބައްޕަގެ އުމުރުގައި ބަރަކާތް ލައްވާށިއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ބައްޕައަށް މިންވަރުކުރައްވާށިއެވެ.
މިފުރުޞަތުގައި ދިޑެއިލީ އިން ބައްޕަގެ ޚީދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން މިއާޓިކަލް މިހާ ތަފްޞީލީ ގޮތެއްގައި ގެނެސް ދެއްވީތީ ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.