ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އިންޑިއަން އެގްޒިމް ބޭންކުން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫޢަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް 320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.
މި އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީ އިން އާންމުކުރި ޓައިމްލައިންގައި ވާގޮތުން 1.3 މިލިއަން މީހުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެ އެއަރޕޯޓް ތަރައްޤީ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެއެވެ.