އެމްޓީސީސީން ނ އަތޮޅު މިލަދޫ ގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ ބޮޑުބައެއް ނިމިފައި ވާކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
އެކުންފުނިން މިއަދު ބުނީ، މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 59 ޕަސެންޓް މިހާތަނަށް ނިމިފައި ވާކަމަށާއި، އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިމިފައި ވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 152 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 45.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.