މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ފުލުހުން ހުޅުވާލައިފިއެވެ.
އެއިދާރާއިން ބުނީ، މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު 2020 ޑިސެމްބަރު 27 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.
އަދި މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއެކު ޕޮލިސް މީޑިއާ މެއިލް media@police.gov.mv އަށް މެއިލް ކުރެއްވުން އެދޭ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
މި ހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ. މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ދޫނިދޫގައެވެ.