ހިޔާ ފްލެޓް ނިންމުމަށް ކުލި ނުނަގައި އިތުރު ތިން މަސް ދުވަސް ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އެކަން އެމަނިކުފާނު އިއުލާންކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިރޭ ސަރުކާރުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ފުރިހަމަ ކޮށްދޭން. މިވަގުތަށް ބަލާއިރު، ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި. ޝަކުވާތަކެއްވެސް އެބަހުރި. ސަރުކާރުން މަސައްކަތް މިކުރަނީ، ހިޔާ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިވަގުތު އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރު ނުވަނީސް، ކުލި ދައްކަން ފަށަން ޖެހުން ކަމަށާއި ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން ދިން ތިން މަސްދުވަސް މިމަހުގެ ނިޔަލަށް އެ ނިމެނީ ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ، އެ މުއްދަތުގައި މަސައްކަތް ނިންމައި އެތަންތާނގައި ދިރިއުޅެން ފެށޭވަރެއް ނުވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
”މިކަމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައި މިވަނީ، ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން. އަޅުގަނޑު އުންމީދު ކުރަނީ، މިފެށޭ އަހަރުގެ މާޗް މަސް ނިމޭއިރު، ފްލެޓްތައް ވެސް ނިމިގެން އެތަނުގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް،“ ރައީސް ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރަން ފެށިއިރު ސަރުކާރުން ނިންމީ އެތަނުގެ ފިނިޝިންއަށް ތިން މަސް ދުވަސް ދޭށެވެ. ނަމަވެސް، އެ މުއްދަތުގައި އެ ތަން ނުނިމުގެ އިތުރަށް، ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ފްލެޓްގެ ކުލި ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރި އެވެ. އެއާއެކު ފިނިޝިން މަސައްކަތްތައް ނިންމުމަށްޓަކައި އިތުރު ތިން މަސް އިތުރުކޮށްދިނީ އެވެ. އެއީ މި މަހުގެ ނިޔަލަށެވެ.
ހިޔާ ފްލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފްލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.