ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭ އިން ނިންމައިފި އެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ ’އޮމިކްރޯން“ ވޭރިއެންޓާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން ވަކިގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭނެ ކަމަށާއި ނަމަވެސް މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ އެއް އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެ ކަމަށެވެ.
ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ. އަދި ކޮވިޑް ވެކްސިން ފުރިހަމަވެފައި ނުވާ، ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހަށް ކަރަންޓީނުވާން ވަނީ އަންގާފަ އެވެ. މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެއެވެ. މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.
މި އިއުލާނާއެކު ދެކުނު އެފްރިކާގެ ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން އެޗްޕީއޭ އިން މިހާރު ވަނީ ނިންމާފަ އެވެ.