ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ ބައްދަލުވުމުން މިހާރު ނިންމާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އެކުންފުނިން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ހުށައަޅާފައި ވާތީމައްސަލަ އޮޅުން ފިލުވުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ. ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށް އިއްޔެ ބޭއްވި އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ ވިދާޅުވެފައެވެ.
ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މި ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި މީގެ އިތުރުން ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗް މަހުގެ 15 ވަނަ ދުވަހު އެވެ.