އަޚުލާގީ މައްސަލަތަކެއްގެ ތުހުމަތު ކުރެވޭތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ އަންގަވާފައި އެވެ.
ވަހީދު އިސްތިއުފާ ދެއްވަން ރައީސް އެންގެވުމާއި ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައި ވަނީ ގައުމަށް ކޮށްދެވުނު ހިދުމަތަށްޓަކައި ފަހުރުވެރިވާ ކަމަށާއި ހަގީގަތް އަދި ހާމަ ވާނެ ކަމަށެވެ.
”ތެދުވެރިކަމާ އެކު ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތަށް ފަހުރުވެރިވަން. އިރާދަކުރެއްވިއްޔާ އަދި ފަހުން ހަގީގަތް ހާމަވާނެ،“ އަލީ ވަހީދުގެ ޓުވީޓުގައިގައި ވެއެވެ.
މި ޓުވީޓާއި އެކު އަލީ ވަހީދު ވަނީ ”މި ދުވަސް ވެސް ހިނގައިދާނެ“ ކަމަށް ލިޔެފައިވާ ފޮޓޯއެއް ވެސް ޕޯސްޓްކުރައްވައިފަ އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެ މަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގަވާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 12 މުވައްޒަފަކަށް އަލީ ވަހީދުގެ ޖިންސީ ގޯނާ ލިބިފައި ވެއެވެ.
މި މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހަޅާފައި ކަމަށާއި މައްސަލަ މިހާރު އަންނަނީ ބަލަމުން ކަމަށް ވެސް ބުނެފައިވެއެވެ.