ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރީގެ ހުކުމުގެ އިސްތިއުނާފުގެ އަޑު އެހުން މިއަދު މެންދުރު 12:45 ހާއިރު ހައި ކޯޓުގައި ކުރިއަށް ގެން ގޮއްސައެވެ.
ދައުލަތުން 75 ނުކުތާއަކަށް ޖަވާބު ދާރީ ވެފައި ވާއިރު ދެފަރާތުން ވެސް ބޭނުންވާ ވާހަކަތައް ދެއްވުމަށް ކޮންމެ ފަރާތަކަށް ވެސް 30 މިނެޓްގެ ވަގުތު ވަނީ ޝަރީއަތުގެ މަޖިލީހުން އަރުވައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމް ލީޑް ކުރައްވާ ޑރ. ޖަމީލް ވާހަކަ ދައްކަވާފައިއެވެ. ޑރ ޖަމީލް ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ 170ވަނަ މާއްދާގައި އޮންނަ ކުށް ބުނެ ނުދީ ވާކަމަށާއި އަދިދައުލަތުން އެކުށަކީ ކޮބައިކަން ބުނެދެވިފައި ނުވާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އޭސީސީ އިން މައްސލަ ތަހުގީގު ކޮށްފައިވާއިރު ރައީސް ޔާމީން އަށް ދައުވާ ރައްދުވާ ގޮތް ދައުލަތަށް ބުނެދެވިފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ.
އޭސީސީއިން 13 ޖުލައި 2018 ގައި ނިންމާފައިވާ ރިޕޯޓުގައި ރައީސް ޔާމީންގެ ކުށެއް ނެތްކަން ފާހަގަ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ މިމަރުޙަލާއަށް ވާހަކަ ދައްކާއިރު، އަދިވެސް ރައީސް ޔާމީން ކޮށްގެން އުޅޭ ކުށެއް ނޭގޭކަމަށެވެ. އަދި އެކުށް ދަޢުލަތަށް ބުނެދެވިފާ ވެސްނުވާ ކަމަށެވެ.
އެ މީހެއްގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ ކުށަކީ، ކޮބައިކަން އެމީހަކަށް ރަނގަޅަށް ދޭހަވާނެ ބަހަކުން، ލަސްނުކޮށް އަންގަންވާނެ ކަން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ ވާހަކަ ވެސް ވަނީ ވިދާޅު ވެފައެވެ. އަދި އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ދަޢުލަތަށް ލިބެންޖެހޭ ފައިސާ ކަންވެސް ދަޢުލަތަށް ސާބިތުކޮށްދެވިފައެއް ނުވާއިރު އަދި އެއީ ކޮންރަށަކާއި ގުޅިގެން، ކިހިނެތް ވަތް ވައިސާއެއްތޯވެސް ދަޢުލަތަށް ބުނެދެވިފައެއް ނުވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމާއި، އޭސީސީން ކުރި ތަޙުޤީޤު ރިޕޯޓާއި އެއްވެސް ގުޅުމެއް ނުވާ ކަމަށާއި، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅޭ މައްސަލައަކީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ތަޙުޤީޤުކުރެވިގެން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.
އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެވޭނެ ފުރުޞަތު ހަމަޖައްސައިދިނުމަށް އެދުމުން އެ ފުރުޞަތު ކަމާއި ގުޅޭ އިދާރާތަކާއި ވާހަކަ ދައްކައިގެން، ރައީސް ޔާމީންގެ ވަކީލުންނަށް މާފުއްޓަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ދަޢުލަތުގެ ވަކީލަށް، މި މައްސަލަ ބައްލަވާ ބެންޗުގެ އިސްފަނޑިޔާރު، ޙުސައިން މަޒީދު ވަނީ ދަންނަވާފައެވެ.
މި މައްސަލާގައ ދެން އޮންނާނީ އެންމެ ފަހުގެ އަޑު އެހުމެވެ.