އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު އަލީ އަޝްރަފު އެކޮމިޝަނުގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމަށް ބުނެ، އަމިއްލަ ފަރާތަކުން ފުލުހުންނަށް އެމައްސަލަ ބަލައި ދިނުނުމަށް އެދި ފުލުހުންނަށް ސިޓީއެއް ފޮނުވައިފި އެވެ.
ސިޓީގައި ބުނެފައިވަނީ އޭސީސީގެ މެމްބަރެއްގެ ގޮތުގައި ހުރެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން، އެހެން އާމްދަނީ ހޯދުމުގެ މަސައްކަތެއްގައި އުޅެގެން ނުވާނެ ކަމަށާއި މެންބަރުންނަކީ އަމިއްލަ ފަރާތެއްގެ ވަޒީފާ އަދާކުރާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.
އޭސީސީގެ މެންބަރު އަޝްރަފް މި ސުލޫކީ މިންގަނޑާ ހިލާފުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައި ވަނީ ބިލްޑް ކްރާފް ޕްރައިވެޓް ލިމިޓެޑް ގައި އަޝްރަފްގެ 50 ޕަސެންޓް ހިއްސާ، އެމްއެމްއެސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގައި އަޝްރަފްގެ 10 ޕަސެންޓް ހިއްސާ އަދި ފޯކަސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގައި އޭނާގެ 33 ޕަސެންޓް ހިއްސާ އޮންނަ ކަމަށެވެ. އަދި އޭނާ އަކީ އެމްއެމްއެސް ހޯލްޑިންގްސްގެ ޑިރެކްޓަރެއްގެ އިތުރުން ބިލްޑް ކްރާފްޓުގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ މާއްދާ (މެންބަރުންގެ ސުލޫކީ މިންގަނޑުތައް) ގައި ބުނެފައިވާގޮތުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެ އެވެ.
މި ކަމާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ކުންފުންޏެއްގައި ކޮމިޝަނުގެ މެންބަރުންގެ ހިއްސާ އޮތުން ގާނޫނަކުން މަނައެއް ނުކުރާނެ ކަމަށެވެ.