ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރ ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފައެވެ.
އިތުރަށް ސުވާލުކުރަން ދިން ފުރުސަތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ބިދޭސީންގެ މައްސަލަ އަހަރެއް ތެރޭ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދޭނެ ކަމަށް ފައްޔާޒް ވިދާޅުވި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށް އިސްތިއުފާ ނުދެއްވީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އަހަރެއް ތެރޭ އިސްތިއުފާ ދޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށާއި، އަދި އިސްތިއުފާ ދޭނެ ކަމަށް ބުނީ، ބިދޭސީންގެ މައްސަލަ ހައްލު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރަނގަޅު މަސައްކަތެއް ކުރެވިފައި ވާކަމަށާއި، އެކަން ރައްޔިތުންވެސް ބަލައި ގަނެފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީރެގިއުލޭޓް ކުރުމަށް ސަރުކާރުން މީގެ ކުރިން ހުޅުވައިލި ފުރުސަތުގައި 43000 ބިދޭސީން ރަޖިސްޓަރީ ކުރި ކަމަށެވެ. އޭގެ ތެރެއިން 8938 މީހުން އަމިއްލަ އަށް އެދިގެން ފުރުވައިލި ކަމަށާއި 15000 މީހުން އަމިއްލަ އަށް ފުރައިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.