މިސްކިތްތަކަށް މިހާރަށްވުރެ ބޮޑު އަޅައިލުމެއް ބޭނުންވާކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ބިދޭސީ އަންހެނަކު މާލޭގެ ހުކުރު މިސްކިތުގައި ހިންދޫ ދީނުގެ އަޅުކަމުގެތެރޭގައި ހިމެނޭ ކަމެއްކަމަށް ބެލެވޭ ހަރަކާތްތަކެއްކޮށް، މިސްކިތުގެ ހުރުމަތް ކަނޑައިލި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސްކިތްތައް ބިނާކުރެވިފައިވަނީ ހަމައެކަނި މަތިވެރި ރައްބަށް އަޅުކަން ކުރުމަށް ކަމަށާއި، މިސްކިތްތައް ބިނާކުރެވުނު މައިގަނޑު އަސާސަކީ އެއީ ކަމަށެވެ.
ހަމައެހެންމެ އެ މަތިވެރި މަގުސަދާއި ފުށުއަރާ ގޮތަށް އެއްވެސް ކަމަކަށް ޖާގަދެވޭނަމަ އެއީ ގޯހެއްކަން ވެސް ޝައިޚް ޒައިދު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޝައިޚް ޒައިދު ވަނީ މިފަދަ ގޯސްތައް ކުރިޔަށް އޮތްތަނުގައި ނުހިނގާނެކަން ކަށަވަރުކޮށް, މިސްކިތްތަކަށް މިހާރަށްވުރެ ބޮޑު އަޅައިލުމެއް ބޭނުންވާކަމަށް ވެސް ވިދާޅުވެފައެވެ.