ގއ.ކޮނޑޭ ކައުންސިލުގެ ރައީސްއަކީ ކޮން ކެންޑިޑޭޓެއްތޯ ކަށަވަރުކުރަން އަލުން ވޯޓު ގުނަން ހައިކޯޓުން ކުރި ޙުކުމާއި ގުޅިގެން އަލުން ވޯޓު ގުނުމުން ވެސް ނަތީޖާއަކަށް ބަދަލެއްނާންނަކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.
ލޯކަލް ކައުންސިލު އިންތިޚާބާއި ގުޅިގެން ހުށަހަޅައިފައިވާ އިންތިޚާބީ ޝަކުވާއާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އިންތިޚާބީ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވޭތީ މައްސަލައިގައި އެދިފައިވާގޮތަށް އަލުން ވޯޓު ގުނަން ޢަމުރުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ކޮނޑޭ ކައުންސިލުގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން އިއްޔެ ވަނީ ޢަމުރުކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވޯޓެއްގެ ތަފާތަކުން ކޮނޑޭ ކައުންސިލުގެ ރައީސްއަކަށް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓު ޢަބްދުލްޙަކީމެވެ. ދެވަނައަށް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޝުޢައިބު މުޙައްމަދުދީދީއެވެ. ޝުޢައިބަކީ އިންތިޚާބީ ޝަކުވާ ހައިކޯޓަށް ހުށަހެޅި ކެންޑިޑޭޓެވެ.
ހައިކޯޓުގެ ޙުކުމާއި ގުޅިގެން ކޮނޑޭ ރައްޔިތުން ވޯޓުލީ ތިން ފޮށި ވަނީ އަލުން ގުނައިފައެވެ. އީސީގެ ރައީސް ވިދާޅުވީ އެ ތިން ފޮށި ގުނައިގެން އީސީން އިއުލާނުކުރި ނަތީޖާއަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.