ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް ކޮށްފައިވާ ގެވެށި އަނިޔާތަކުގެ ތުހުމަތު ތަކާއި ގުޅިގެން އެމްޑީޕީގެ މަގާމު ތަކުން އެކަހެރި ކުރީ މުޅިން ރަނގަޅަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މެމްބަރު އީސަގެ މައްޗަށް އޭނާގެ ކުރީގެ އަނބިމީހާ އަދި ދޮޅު އަހަރުގެ ތުއްތު ދަރިފުޅަށް އަނިޔާ ކުރިކަމުގެ ތުހުމަތު އުފުލިފައި ވާއިރު، ރާއްޖޭގެ މީޑިއާ އަކަށް މައުލޫމާތު ދެމުން މެމްބަރު އީސަ ވިދާޅުވީ، އެމްޑީޕީއިން އަޅަމުންދާ ފިޔަވަޅުތަކަކީ، އެއްވެސް ވަރަކަށް އޭނާ އަށް ޖަވާބު ދާރީ ވުމުގެ ފުރުސަތު ނުދީ ނިންމާ ނިންމުން ތަކެއް ކަމަށެވެ. އަދި އޭނާ އާއި މެދު ފިޔަވަޅު އެޅިކަންވެސް އެނގުނީ މީޑިއާ ތަކުން އެވާހަކަ ރިޕޯޓް ކުރުމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ގެވެށި އަނިޔާގެ ތުހުމަތު ތަކަށް ދެކޮޅު ހައްދަވާ މެމްބަރު އީސަ މީގެ ކުރިން ވިދާޅުވީ، ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އީސައާ ދެކޮޅަށް ކުރާ ޖިނާއީ ތަހުގީގު ނިމެންދެން، އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އީސަ ވަނީ އެކަހެރިކޮށްފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގެ 113 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ނަމަ ގޮތުން ޕާޓީގެ މެމްބަރަކަށް ފިޔަވަޅު އެޅޭނީ އަސާސީ ގަވައިދުގެ އެއްވެސް ޝަރުތަކާއި ގަސްތުގައި ހިލާފުވުން ނުވަތަ ގަވައިދުގެ ދަށުން ހިންގޭ އެއްވެސް ގަވައިދަކާ ގަސްތުގައި ހިލާފުވުމުންނެވެ. (ށ) ގައި ބުނާ ގޮތުން ޕާޓީގެ އިއްޒަތަށް އަދި ޕާޓީ ހިފަހައްޓާ މަގުސަދުތަކާއި ބޭނުންތަކުގެ އިއްޒަތަށް ނުވަތަ ޕާޓީގެ މަސްލަހަތުތަކުގެ އިއްޒަތަށް ބުރޫއަރާނެ ނޭއްގާނީ އަމަލެއް ނުވަތަ ހިންގުން ނުވަތަ އަބުރު ގެއްލޭފަދަ ކަމެއް ހިންގާފައިވާނަމަ ފިޔަވަޅު އެޅޭނެއެވެ.