ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވީ ކޮވިޑުގެ އާލާސްކަންފުޅުގައި މިއަދު ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.
މި ގޮތުން ފަތުޙީގެ ޢާއިލާއަށް ރައީސް ޞާލިޙް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ފަތުޙީ އަވަހާރަވި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށެވެ.
ހަމައެހެންމެ ފަތުޙީއަކީ ރާއްޖޭގެ އޮޑިޓް ދާއިރާއާއި، މާލީ ދާއިރާގެ ތަރައްޤީއަށާއި، ކުރިއެރުމަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
ފަތުޙީއަކީ 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.