ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޒު އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މި ގޮތަށް ނިންމީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކެއް ހިންގަވައި ނިންމެވުމުގައި ޤާޟީ އިސްމާޢީލް ރަޝީދު ޢަމަލުކުރެއްވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 13 ވަނަ ބާބުގައިވާ ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި ޚިލާފަށްކަމަށްވާތީއާއި، ޖޭއެސްސީއަށް ލިބުނު ޕެން ޑްރައިވްއެއްގައި މާކުރިން މައްސަލައިގެ ނިންމުން ލިޔުއްވައިފައި އޮތްކަން އެ ކޮމިޝަނަށް ފާހަގަކުރެވުމުންނެވެ.
މިކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ހަތް ޤަޟިއްޔާއަކާއި ގުޅިގެން އިޖުރާއީގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް ހުސްވި އަހަރު ޖުލައިމަހުގެ 12 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު، އެ މަހުގެ 14 ވަނަ ދުވަހު އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ޙުކުމަކީ 2020/2/22 ވަނަ ދުވަހުން ފެށިގެން ތައްޔާރުކުރެވިފައިވާ ޙުކުމެއްކަން ތަޙްޤީޤަށް ހޯދުނު ޕެންޑްރައިވްއަކުން ސާފުވެފައިވާ ކަމަށެވެ.
އެ ޕެންޑްރައިވްގައި 2020/2/22 ވަނަ ދުވަހު ސޭވްކޮށްފައިވާ ”އިޖުރާއީ ގޮތުން ނިންމާ ނިންމުން“ މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ޙުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކަކަށްވުމުން އެނގޭކަމަށް ޖޭއެސްސީން ބުންޏެވެ. އަދި 2020/2/22 ވަނަ ދުވަހު ޕެންޑްރައިވްގައި ސޭވްކޮށްފައިވާ އިޖުރާއީ ގޮތުން ނިންމާ ނިންމުން“ މި ސުރުޚީގެ ދަށުން އެކުލަވައިލައިފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ Trip finale v2 ކަމަށާއި، މި ނަމަކީ ޢާންމުގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލު ނުކުރެވޭ ކަމަށެވެ.
އަދި ހަމައެހެންމެ އެ ނަމަކީ އެ ޤަޟިއްޔާތަކާއި ގުޅުމެއްނެތް އާދަޔާއި ޚިލާފުނަމެއްކަން ފާހަގަވާކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. އަދި ޤާޟީ އިސްމާޢީލް ރަޝީދު ބޭނުންކުރުމަށް ކޮމްޕިއުޓަރު ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ޤަޟިއްޔާތަކެއްގެ ލިޔެކިޔުންތައް ޕެންޑްރައިވްއެއްގައި ގެންގުޅުމާއި، ވަކިން ޚާއްސަކޮށް ވަކި ޤަޟިއްޔާތަކެއްގެ ލިޔެކިޔުން ޕެންޑްރައިވްގައި ހުރުމާއި، ޤަޟިއްޔާތަކެއްގެ ދަޢުވާ ހުށަހެޅުމާއި ހަމައަށް ނުދަނީސް އެ ޤަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް ޕެންޑްރައިވްގައި ހުރުމުން ޤާޟީ އިސްމާޢީލް ރަޝީދުގެ ޢަމަލުތަކާމެދު ސުވާލު އުފެދޭކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ގޮތުން ޖޭއެސްސީން ވަނީ އަދީބުގެ މައްޗަށް އުފުލުނު ހަތް ޤަޟިއްޔާގައި ޤާޟީ އިސްމާޢީލް ރަޝީދު ޙުކުމްކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ސުވާލުއުފައްދާފައެވެ. އަދި އެއީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލުތަކެއްކަން ވެސް ފާހަގަކުރިއެވެ.
އެހެންކަމުން ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މިއަދު ނިންމައިފައިވާކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.