ރާއްޖެއިން ފެނުނީ ބްލެކް ފަންގަސްއެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
ނުރައްކާތެރި އިންފެކްޝަނެއްކަމަށްވާ މިޔުކޯމައިކޮސިސް ނުވަތަ ބްލެކް ފަންގަސްއަށް ޝައްކު ކުރެވިގެން ޓެސްޓު ހެދި ދިވެހި މީހާގެ ނަތީޖާއާއި ގުޅޭ މަޢުލޫމާތު ސަރުކާރުން ހާމަނުކުރާތީ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ނޫސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ, ބްލެކް ފަންގަސްއަށް ޓެސްޓުކުރި މީހާއަށް އެ ބަލި ޖެހިފައިނުވާ ކަމަށެވެ. އެކަން ޓެސްޓުގެ ނަތީޖާއިން ކަށަވަރުކުރެވިފައިވާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ހަކުރުބައްޔާއި، ކެންސަރާއި، ބޯންމެރޯ ހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީނިޒާމު ދަށްނަމަ މިބަލިޖެހުމަށް މަގުފަހިވާކަމަށް ޑރ.ފައިޞަލް ވަނީ ވިދާޅުވެފައެވެ.
”ކަނޑައެޅިގެން މިޖަރާސީމު ދެނެގަނެވޭނެގޮތެއް ރާއްޖޭގައި ނެތް. އެހެނަސް ޢަލާމާތްތަކަށް ބަލައި, ބޭސްހުރިނަމަ ފަރުވާދެވޭނެ.“ ޑރ.ފައިޞަލް ވިދާޅުވެފައިވެއެވެ.
މި އިންފެކްޝަން ނޭވާލާ ނިޒާމާއި، ހަންގަނޑުންވަދެ ސައިނަސް، ފުއްޕާމޭ، ގޮހޮރު އަދި އެ ނޫން ވެސް އެކި ގުނަވަންތަކުގައި ފެތުރި އެތަން ހަލާކުކޮށް އެ ހިސާބު މަރައިލައެވެ.