ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވައިލައިގެން ހަމަލާދިނީ މި މަހުގެ 6 ވީ ބުރާސްފަތި ދުވަހުގެރޭ ނީލޯފަރު ހިނގުމުގައެވެ.
މި ހަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރީ ވ.ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދާއި، މއ.ފޭރުގޭ މުޖާޒް އަޙްމަދާއި، ގއ.ކޮނޑޭ، ފޮޅޭމާ ތަހުމީން އަޙްމަދެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ޖެހީ 15 ދުވަހެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމާއެކު މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ އިތުރުކޮށްފައެވެ.