ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް 04 ދުވަހުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކޮޅިގަނޑުގައި 50 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.
މި ގޮތުން އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަގޮތެއްގައި ފަޅުން ބޭރުގައި އަޅާފައިވާ އުނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުންނާއި، އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ހަވާލުވެ ތިބި މީހުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
”މިދިޔަ ގަދަ ވިއްސާރައިގައި ވެސް ފަޅުން ބޭރުގައި އަޅާފައި ހުރި ގިނަ ޢަދަދެއްގެ އޮޑިފަހަރު ކަހައިލައިގެން ގޮސް ފަރުމައްޗަށް ލައްގާފައިވާތީވެ މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރަން.“ އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުޢާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަމްޕުފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުތަކުން މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމަށާއި، ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި، ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފަައެވެ.
އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދިފައެވެ.