ކޮވިޑު ބަލީގައި ރާއްޖޭގެ ކުރީގެ އޮޑިޓަރ ޖެނެރަލް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވެއްޖެއެވެ.
ފަތުޙީ އަވަހާރަވީ ކޮވިޑަށް ޕޮޒިޓިވްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވީ ޢުމުރުން 80 އަހަރުގައެވެ.
އެހެންކަމުން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 126 އަށް އަރައިފައެވެ.
ފަތުޙީއަކީ ރާއްޖޭގެ އޯޑިޓް އޮފީސް ހަރުދަނާ އުސޫލުތަކެއްގެ މަތިން ހިންގެވުމުގެ ޢަމަލީ މަސައްކަތްތައް ފެށްޓެވި ބޭފުޅާއެވެ.
އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް އިސްމާޢީލް ފަތުޙީ ހަމަޖެއްސެވީ 11 ނޮވެމްބަރ 1993 ގައެވެ. އެ މަޤާމުގައި ފަތުޙީ ވަނީ 14 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައިފައެވެ.
އޭގެ އިތުރުން ވެސް އިތުރު މަޤާމުތައް ފުރުއްވި ފަތުޙީ ވަނީ 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާސްްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.