ރާއްޖެއިން ގިނަ އަދަދަކަށް މީހުން ބައްޔަށް ފައްސިވެ، ބަލީގެ ނުރައްކާ އިތުރުވަމުން ދިއުމާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަލުން ”ފުރަބަންދު“ ކުރަން ނިންމާފައި ނުވާކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅިވީ، އަޅަން ހަމަޖެހިފައިވާ ފިޔަވަޅުތަކާއި ގުޅިގެން މިހާރުވެސް މަޝްވަރާ ކުރެވެމުން ދާކަމަށާއި، އިތުރު ފިޔަވަޅު އަޅަން ނިންމީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.
މީގެ އިތުރުން މިހާރުވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަވީރު 4 އިން ފަތިހު 4އަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ.
ކޮވިޑުގެ ހަތަރުވަނަ ރާޅާއެކު ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ބާރަށް ބަލި ދަނީ ފެތުރެމުންނެވެ. މިވަގުތުވެސް 70 އަށް ވުރެ ގިނަ ރަށް މޮނީޓަރިންގައި އެބައޮތެވެ.