ހއ އިހަވަންދޫގައި އެމްޓީސީސީ އިން ތަރައްގީ ކުރަމުންދާ ބަނދަރުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނެފައިވަނީ، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައި ވާއިރު، އެއްގަމު ތޮށި ލުމަށް ބޭޏުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް 20 މެއި 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާނެ ކަމަށެވެ. އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނޭ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފަ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.